ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލަރޝިޕް 6 ދަރިވަރަކަށް ދެއްވައިފި
މި ޚަބަރު ޝާއިޢުކުރީ 20/07/2022

މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގާ ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕަކީ ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ނަންފުޅުގައި ދެވޭ ވަރަށް ޚާއްޞަ ސްކޮލަރޝިޕެކެވެ.

މިއީ ދިވެހި ދައުލަތުން ޚަރަދުކޮށްގެން ދެއްވަމުން ގެންދާ އެންމެ ޝަރަފްވެރި ސްކޮލަރޝިޕެކެވެ.

މި ސްކޮލަރޝިޕް ހޯދުމުގެ ޝަރަފު ލިބެނީ، ރާއްޖޭގެ ސްކޫލް މަދަރުސާތަކުގެ މަތީ ސާނަވީ އިމްތަޙާން ނިންމާ ދަރިވަރުންގެ ތެރެއިން ސްކޫލް، މަދަރުސާގައި ކިޔަވަދިން އޭލެވެލްގެ 3 މާއްދާއަކުންނާއި، އެޗް.އެސް.ސީ އިންތިޙާނުގެ އިސްލާމާއި ދިވެހިންނާ އެކު 5 މާއްދާއިން *A (އޭ ސްޓާރ) ހޯދާ ދަރިވަރުންނަށާއި، ޝަހާދާ ސާނަވިއްޔާ އިމްތިހާނުން "އިމްތިޔާޒު"ގެ ދަރަޖަގައި ފާސްވާ ދަރިވަރަކަށް. އެއީ އެދަރިވަރަކު އޯލެވެލްގެ އިނގިރޭސިން ދަށްވެގެން "ސީ" ފާސް ނުވަތަ އެ ފެންވަރުގެ އެހެން ފާފެއް ހާސިލުކޮށްފައިވެސްވާނަމަ އެވެ.

މި ސްކޮލަރޝިޕް ދެއްވުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ:

  • ޤައުމު ބިނާކުރުމަށް ބޭނުންވާ އިންސާނީ ވަސީލަތް އޭގެ އެންމެ ފުރިހަމަގޮތުގައި ތަރައްޤީކުރުން.
  • މަތީ ސާނަވީ އިމްތިޙާންތަކުން މަތީވަނަތައް ޙާޞިލުކުރުމަށް ދިވެހި ދަރިވަރުން ޝައުޤުވެރިކުރުވުން.
  • ދުނިޔޭގެ ނިސްބަތުން މަތީ ފެންވަރުގެ ޔުނިވަރސިޓީތަކުގައި ތަޢްލީމު ޙާޞިލުކުރުމުގެ ރޫޙް ދިވެހި ދަރިވަރުންގެ ހިތްތަކުގައި އަށަގަންނުވައި، ދިރުވުން.
  • މަތީ ފެންވަރުގެ ޔުނިވަރސިޓީތަކުން ތަޢްލީމު ޙާޞިލުކުރުމުގެ މަގު ދިވެހި ދަރިވަރުންނަށް ފަހިކޮށްދިނުން.
  • މޮޅު ދިވެހި ދަރިވަރުންނަށް އެދަރިވަރުން ބޭނުން ޤައުމެއްގައި ތަޢްލީމީގޮތުން ކުރިޔަށް ދިޔުމުގެ ފުރުޞަތު ހޯދައިދިނުން.

މި ސްކޮލަރޝިޕްގެ ފުރުޞަތު ކާމިޔާބު ކުރާ ކޮންމެ ދަރިވަރަކަށް އެދަރިވަރަކު އިޚްތިޔާރުކުރާ، ޤައުމެއްކަމަށް ދިވެހިރާއްޖެޤަބޫލުކުރާ ކޮންމެ ޤައުމެއްގެ، ކޮންމެ ޔުނިވަރސިޓީއަކުން، ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ޚަރަދު ހަމަޖައްސައިދޭނެ އެވެ.

މި ސްކޮލަރޝިޕަކީ، މޯލްޑިވްސް ކޮލިފިކޭޝަން ފްރޭމްވާރކްގެ ފެންވަރު 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެން ދަށް ފެންވަރެއްގެ ސަނަދެއް ފުލްޓައިމްކޮށް ކިޔަވަގެން ޙާޞިލުކުރުމަށް ދެއްވާ ޚާއްޞަ ސްކޮލަރޝިޕެކެވެ. ބައެއް ދާއިރާތަކުން ކިޔަވާއިރު ހަދަންޖެހޭ އިންޓަރންޝިޕް ހެދުންވެސް މި ސްކޮލަރޝިޕްގައި ހިމެނެއެވެ.

ދެ ޤައުމެއްގައި ކިޔަވާގޮތަށް ފަރުމާކޮށްފައި ހުންނަ "ޓްވިނިންގ ޕްރޮގްރާމް"ތައްވެސް، މި ސްކޮލަރޝިޕްގައި ފުރިހަމަކުރެވޭނެއެވެ. ކިޔަވަން ދާ ޤައުމުގެ ވިސާހޯދުމުގެ ޚަރަދުވެސް މި ސްކޮލަރޝިޕްގައި ހަމަޖައްސާދޭނެ އެވެ.

ފާއިތުވި 4 އަހަރު، 24 ދަރިވަރުން މި ސްކޮލަރޝިޕްގެ ފުރުޞަތު ވަނީ ހޯދާފައެވެ.

އަދިކިޔެވުމުގެ ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު، އެ ޕްރޮގްރާމްގެ މުއްދަތަށް ބިނާކޮށް ކަނޑައެޅޭ ވަކި މުއްދަތަކަށް ދިވެހިރާއްޖެއަށް ޚިދުމަތްކުރާނެ އެވެ.

ރޭގެ ރަސްމިއްޔާތުގައި ހައި އެޗީވަރސް ސްކޮލަރޝިޕް ލިބުނު 79 ދަރިވަރުންނަށް ވެސް ވަނީ ލިޔުން ހަވާލު ކުރައްވާފަ އެވެ. ހައި އެޗީވަރސް ސްކޮލަރޝިޕަކީ ދިވެހި ދައުލަތުން ޚަރަދުކޮށްގެން ދޭ ވަރަށް ޝަރަފުވެރި ސްކޮލަރޝިޕެކެވެ.

މި ސްކޮލަރޝިޕްގެ ފުރުޞަތު ހޯދެނީ، ޖީ.ސީ.އީ އޯލެވެލް ގެ އިގިރޭސިން ނުވަތަ އެއާ އެއްފެންވަރެއްގެ އިމްތިޙާނަކުން ދަށްވެގެން "ސީ" ފާސް ލިބިފައި ވުމާއެކު، ރާއްޖޭގެ ސްކޫލް/ މަދަރުސާއަކުން މަތީސާނަވީ އިމްތަޙާން ނިންމައި، އެ ސްކޫލް/ މަދަރުސާގައި ކިޔަވައިދިން ޖީ.ސީ.އީ އޭލެވެލްގެ 3 މާއްދާއިންނާއި، އެޗް.އެސް.ސީ.އިމްތިޙާނުގެ ދިވެއްސާއި، އިސްލާމުން ދަށްވެގެން "އޭ" ފާސް ހާސިލުކޮށްގެން ނުވަތަ ރާއްޖޭގައި ޢަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލް/ މަދަރުސާއަކުން ޝަހާދާ ސާނަވީ ނިންމައި ހުރިހާ މާއްދާއަކުން "އޭ" ފާސް ހޯދައިގެންނެވެ.

މި ސްކޮލަރޝިޕް ދެއްވުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި :

  • ޤައުމު ބިނާކުރުމަށް ބޭނުންވާ އިންސާނީ ވަސީލަތް ފުރިހަމަގޮތުގައި ތަރައްޤީކުރުން.
  • މަތީސާނަވީ އިމްތިޙާންތަކުން މަތީވަނަތައް ޙާޞިލުކުރުމަށް ދިވެހި ދަރިވަރުން ޝައުޤުވެރިކުރުވުން.
  • ދުނިޔޭގެ ނިސްބަތުން މަތީފެންވަރުގެ ޔުނިވަރސިޓީތަކުގައި ތަޢްލީމު ޙާޞިލުކުރުމުގެ ރޫޙް ދިވެހި ދަރިވަރުންގެ ހިތްތަކުގައި އަށަގަންނުވައި، އެ ރޫޙްދިރުވުން.
  • މަތީ ފެންވަރުގެ ޔުނިވަރސިޓީތަކުން ތަޢްލީމު ޙާޞިލުކުރުމުގެ މަގު ދިވެހި ދަރިވަރުންނަށް ފަހިކޮށްދިނުން.

މި ސްކޮލަރޝިޕްގެ ފުރުޞަތު ކާމިޔާބުކުރާ ކޮންމެ ދަރިވަރަކަށް މި ސްކޮލަރޝިޕްގައި، "ނެޝެނަލް ޓްރެއިނިންގް ނީޑްސް ލިސްޓް"ގައި ހިމެނޭ ދާއިރާއަކުން ފުރަތަމަ ޑިގްރީއެއް ނުވަތަ އެއަށްވުރެން މަތި ނޫން ފެންވަރުގެ ސަނަދެއް ޙާސިލުކުރެވޭނެ އެވެ. މި ސްކޮލަރޝިޕްގައި، ކިޔެވުމުގެ ހުރިހާ ޚަރަދެއް ކަމާގުޅޭ އުސޫލުގައިވާގޮތަށް ހަމަޖައްސައިދޭނީ ދިވެހި ދައުލަތުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލަރޝިޕާއި ހައި އެޗީވާސް ސްކޮލަޝިޕް ލިބުނު ދަރިވަރުން ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭ މި ސްކޮލަރޝިޕްގެ ބޭނުންހިފައިގެން ދުނިޔޭގެ ނިސްބަތުން މަތީ ދަރަޖައިގެ ޔުނިވަރސިޓީއެއްގައި، ދިވެހި ދައުލަތުގެ ޚަރަދުގައި ކިޔަވަން ފަށާނެއެވެ.

 

ފަހުގެ ބައެއް ޚަބަރު