ޚަބަރު

ޖަޕަނީޒް ގްރާންޓް އެއިޑްގެ ފަރާތުން ރާއްޖެއަށް ދޭ ސްކޮލަޝިޕް އެއްބަސްވުމުގައި ސޮއި ކޮށްފި
މި ޚަބަރު ޝާއިޢުކުރީ 24/08/2022

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގައި އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ސްކޮލަޝިޕް އެއްބަސްވުމުގައި ސޮއި ކުރެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަނާއި ޖޭޑީއެސްގެ ރެސިޓެންޓް ރެޕްރެޒެންޓޭޓިވް މޮޓޮ ޓަކީއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ ޖަޕާނުން ރާއްޖެއަށް ވެމުން ގެންދަވާ އެހީއަށް ޖަޕާނުގެ ސަރުކާރަށް ޝުކުރު ދަންނަވާފަ އެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ މަތީ ތައުލީމީ ދާއިރާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ސޯލިހުގެ ލީޑަޝިޕްގެ ދަށުން އަންނަނީ ދުވަހެއް ދުވަހަކަށްވުރެ ފުޅާވަމުން ކަމަށެވެ. އެގޮތުން މަތީ ތައުލީމަށް ދެވޭ ލޯނާއި ރާއްޖޭގެ އެކި ސަރަހައްދުގައި ގާއިމް ކުރާ ޓްވެޓް ސެންޓަރުތަކާއި ރާއްޖެއިން ބޭރުގައި ކިޔެވުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ބާރުވެރިކުރުވުމަށް ގިނަގުނަ މަސައްކަތް މި ސަރުކާރުން ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިއީ މައިގަނޑު ތިން ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ފަހިކޮށްދޭ ސްކޮލާޝިޕްތަކެކެވެ. އޭގެ ތެރޭގައި އެންވަޔަރަމަންޓް، ކްލައިމެންޓް ޗޭންޖް އެންޑް ޑިޒާސްޓާ މެނޭޖްމަންޓާއި އިކޮނޮމިކް އެންޑް އިންޑަސްޓްރިއަލް ޕޮލިސީ ހިމެނެއެވެ. މިސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގ ހުރިހާ މަސައްކަތް ކުރައްވާނީ ސްކޮލަރޝިޕް ދެއްވާ ފަރާތުންނެވެ.

އޭގެ ތެރޭގައި މާސްޓާ އޮފް ޕަބްލިކް ޕޮލިސީ އާއި މާސްޓާ އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި މާސްޓާ އޮފް އާޓްސް އިން ޕަބްލިކް ޕޮލިސީ ހިމެނެއެވެ. އޭގެ އިތުރަށް މާސްޓާ އޮފް އާޓްސް އިން އިންޓަނޭޝަނަލް ރިލޭޝަންސް ވެސް ހިމެނެއެވެ.

މި ސްކޮލާޝިޕަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި 22 އަހަރާއި 39 އަހަރު މީހަކަށްވާންޖެހޭއިރު އެމީހެއްގެ އަތުގައި ބެޗްލާސް ޑިގްރީއެއް އޮންނަން ޖެހެއެވެ. އަދި ސިވިލް ސާވަންޓެއް ނުވަތަ މިނިވަން މުވައްސަސާއެއްގެ ދާއިމީ މުވައްޒަފަކަށް ވާންޖެހެ އެވެ. އޭގެ އިތުރަށް މަސައްކަތުގައި ދެ އަހަރު ދުވަހުގެ ތަޖުރިބާ ވެސް އެމީހެއްގެ އަތުގައި އޮންނަން ޖެހެއެވެ.

ޖޭޑީއެސްގެ ޕްރޮގްރާމުތަކަކީ އެއް އަހަރު ނުވަތަ ދެ އަހަރުގެ ޕްރޮގްރާމްތަކެކެވެ. މިއަދު ސޮއި ކުރެވުނު ސްކޮލަޝިޕްތަކަށް އިއުލާން ކުރާނީ މި އަހަރުގެ ފަހުކޮޅުގަ އެވެ.

ޖޭޑީއެސްގެ މި ސްކޮލާޝިޕްތަކަކީ ރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްގީކުރުމަށް ޖަޕާނުން އެހީ ފޯރުކޮށްދިނުމުގެ ގޮތުންދޭ ސްކޮލާޝިޕްތަކެކެވެ. 2020 ވަނަ އަހަރުން ފެށިގެން ޖޭޑީއެސްއިން  ދޭ މި ސްކޮލަޝިޕްގައި މިހާރުވެސް 13 ދަރިވަރުން ދަނީ ކިޔަވަމުންނެވެ. މިއީ ޖޭޑީއެސް އިން މި ސްކޮލަޝިޕް ދޭ ތިންވަނަ އަހަރެވެ.

 

ފަހުގެ ބައެއް ޚަބަރު