ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި ހައި އެޗީވަރސް ސްކޮލަރޝިޕް ލިބުނު ދަރިވަރުންނަށް ބޭއްވުނު ޑިޕާރޗަރ ބްރީފިންގ ސެޝަން
މި ޚަބަރު ޝާއިޢުކުރީ 23/05/2023

23 މެއި 2023 ގައި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި ހައި އެޗީވަރސް ސްކޮލަރޝިޕް ލިބުނު ދަރިވަރުންނަށް ޑިޕާރޗަރ ބްރީފިންގ ސެޝަން އެއް ވަނީ ބޭއްވިފައެވެ. މި ސެޝަންގެ މަޤްސަދަކީ ރާއްޖެއިން ބޭރަށް ދަރިވަރުން ދާއިރު ވިސްނަންވީ ކަންތައްތަކަށާއި ޔުނިވަރސިޓީގައި ކިޔަވަމުން ދާއިރު ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭ ގޮތުން އިތުރަށް ހޭލުންތެރިކުރުވުމެވެ. 
އުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވުނު މި ސެޝަންގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވި ބަސްފުޅުގައި، އެންމެ ބޮޑަށް އަލިއަޅުވާލެއްވީ ކިޔަވާ ނިމިގެން ދަރިވަރުން ޤައުމަށް އެނބުރި އައިސް ހިދުމަތްކުރުމުގެ މުހިއްމުކަމަށެވެ. އަދި ސަރުކާރުން މިއިން ކޮންމެ ދަރިވަރަކަށް މިކުރާ ޚަރަދުގެ މަޤްސަދު ހާސިލްވާނީ ޤައުމަށް ފައިދާހުރި ގޮތުގައި ޚިދުމަތްކުރުމުންނެވެ. އަދި ހަމަ އެހެންމެ، ދިވެހީންގެ ޤައުމާއި، ދީނާ ސަޤާފަތާ ފަހުރުވެރިކަމާއިއެކު ތަމްސީލްކުރުމަށް މިނިސްޓަރ ނަސޭހަތްތެރިވެލެއްވިއެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ސީނިއާ ޕޮލިސީ ޑިރެކްޓަރ ޝުރުފާ ހުސައިން ދަރިވަނުންނަށް 'ގޮއިންގ އެބްރޯޑް އެންޑް ސެޓްލިންގ ޑައުން' މި ސެޝަން ނަގައިދެއްވިއެވެ. މި ސެޝަންގައި މެލޭޝިޔާ އަދި އޮސްޓްރޭލިއާގައި ކިޔަވަން އުޅުންއިރުގެ ތަޖުރިބާ ދަރިވަރެއްގެ ހައިސިއްޔަތުން ހިއްސާކޮށްފައިވެއެވެ. އަދި އެކި ޤައުމުގެ ވިސާ ޕްރޮސެސް އޮންނަގޮތާއި، ސިމްކާޑެއް ނަގާނެ ގޮތާ، ހުންނާނެ ތަނެއް ހޯދާނެ ގޮތާ، ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމް ބޭނުންކުރާނެ ގޮތާ، އަދި ފުރުމުގެ ކުރިން އެކި ޤައުމުގައި ހުންނަ ޤާނޫނުތަކާ ޤަވާއިދުތައް ބަލާ އެތަނެއްގެ ސަޤާފަތް ދަސްކުރުމުގެ މުހިއްމުކަމަށް އަލިއަޅުވާލާފައިވެއެވެ. 
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ސީނިއާ ޕޮލިސީ ޑިރެކްޓަރ ސޯނަތު ޢަބްދުއްސައްތާރު ދަރިވަނުންނަށް 'ޔުނިވަރސިޓީ ލައިފް އެންޑް ސްޓަޑީ ސްކިލްސް' މި ސެޝަން ނަގައިދެއްވިއެވެ. މި ސެޝަންގައި އިންޑިއާ އަދި ތައިލެންޑްގައި ކިޔަވަން އުޅުންއިރުގެ ތަޖުރިބާ ދަރިވަރެއްގެ ހައިސިއްޔަތުން ސޯނަތު ހިއްސާކުރެއްވިއެވެ. އަދި ކިޔަވަން އުޅޭއިރު ސްޓަޑީ-ލައިފް ބެލެންސް އެއް ގެންގުޅުމުގެ މުހިއްމުކަމާ، އިންޓަރންޝިޕް އަދި ރިސާރޗް ފުރުސަތުތަކުގެ ބޭނުން ހިފުމާއި، ކިޔެވުމުގެ އިތުރަށް ޝައުގުވެރިވާ ދާއިރާއަކުން އެކަމެއް ކުރުމަށް، މިސާލަކަށް، އެ ޤައުމެއްގެ ބަސް ދަސްކުރުން ނުވަތަ އެ ޤައުމެއްގެ ކެއިންބުއިން ތައްޔާރުކުރަން ދަސްކުރުން ހިމެނެއެވެ. މީގެ އިތުރަށްވެސް ރައްޓެހިންނާއި، މެންޓަރުންނާއި ޕްރޮފެސަރުންގެ އެހީތެރިކަމާ އެއްބާރުލުން ހޯދުމަށާއި އެކުމުގެ މުހިއްމުކަމަށް އަލިއަޅުވާލާފައިވެއެވެ. އާއިލާ އަދި ރައްޓެހިންނާ ދުރުގައި އަމިއްލަ ޤައުމުން ބޭރުގައި ދިރިއުޅޭއިރު ދިމާވާ އެކިކަންކަމުގައިވާ ހޯމްސިކްނެސް، އެންޒައިޓީ އަދި ސްޓްރެސް އާ އެންމެ ރަނގަޅުގޮތުގައި ޑީލްކުރުމަށް ރަނގަޅު ސަޕޯޓް ސިސްޓަމް އެއް ބޭނުންވާނެތީއެވެ.  
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ އެސިސްޓެންޓް ޑިރެކްޓަރ މަރިޔަމް ސަމްރަތު މިނިސްޓްރީގެ ދަރިވަރުންގެ ޕޯޓަލް (https://myedu.egov.mv/) އަށް އަހުލުވެރި ކޮށްދިނުމުގެ ގޮތުން ބްރީފިންގއެއް ދެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި ހައި އެޗީވަރސް ސްކޮލަރޝިޕްގެ އުސޫލު ދަރިވަރުންނަަށް ހުށަހަޅައިދިނެވެ. މިނިސްޓްރީގެ އެސިސްޓެންޓް އެކައުންޓްސް އޮފިސަރ އައިޝަތު ނިޝާ ދަރިވަރުންގެ ފަރާތުން ފައިސާގެ ކަންތައް ޕްރޮސެސް ކުރުމަށް ބޭނުންވާނެ މައުލޫމާތު ހުށަހަޅައިދެއްވިއެވެ.  
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި ހައި އެޗީވަރސް ސްކޮލަރޝިޕްގައި މީގެ ކުރިން ކިޔަވާ ނިންމާފައިވާ 5 ދަރިވަރުން އަލަށް ކިޔަވަން ފަށާ ދަރިވަރުންނާއި، އެ 5 ދަރިވަރުން މެލޭޝިޔާ، އޮސްޓްރޭލިއާ އަދި އިނގިރޭސި ވިލާތުގައިި ކިޔެވިއިރުގެ ތަޖުރިބާ ހިއްސާކުރައްވާފައެވެ.
މި ސެޝަން ނިމިގެން ދިޔައީ، ބިލެތްމީރުކޮށްލުމަކާއި އެކީ، ކުރީގެ 5 ދަރިވަރުންގެ ޕެނަލް އަދި މިނިސްޓްރީ ސްޓާފުންނަށް ކުރި ސުވާލާއި ޖަވާބު ސެޝަންއަށްފަހުއެވެ.
15 މެއި 2023ގައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް 17 ދަރިވަރަކަށް އަދި ހައި އެޗީވަރސް ސްކޮލަރޝިޕް 138 ދަރިވަރަކަށް ވަނީ ލިބިފައެވެ. 

ފަހުގެ ބައެއް ޚަބަރު